”ދިތުވާ“ގެ ނަމުން ނަންދެވިފައިވާ ބާރުގަދަ ތޫފާނުގެ ސަބަބުން އަވަށްޓެރި ސްރީލަންކާއިން 153 މީހުން މަރުވެއްޖެއެވެ.

ތޫފާނުގެ ސަބަބުން ލަންކާގެ ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ދިއުމާއި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާއިރު، އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރާގޮތުގައި، 191 މީހަކު ގެއްލި، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތޫފާން ދިތުވާގެ އަސަރު ލަންކާގެ ބައި މިލިއަން މީހުންނަށް ކޮށްފައިވެއެވެ. ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން ބުނީ، ތޫފާނާ ގުޅިގެން 78000 މީހުން 800އެއްހައި ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ވަގުތީ ހިޔާތަކުގެ ގޮތުގައި ގިނައިން ބޭނުން ކުރަމުންދަނީ މަދަރުސާތަކެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެތައްހާސް ސިފައިންނާއި ފުލުހުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ތޫފާނުގައި އެތައް ބަޔަކު މަރުވުމުން، ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.