ރާއްޖެއަށް ލިބެން އޮތް ސަރަހައްދަކުން އެންމެ އަކަފޫޓެއްވެސް ދޫކޮށްލުމާ އޭނާ ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

އަލީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން ނިންމި މައްސަލައާ ގުޅިގެންނެވެ.

މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރަން މެދުވެރިވި ސަބަބު ސަރުކާރުން ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން ކުރީގެ ބަންޑާރަ ނައިބުން ޑރ. މުހައްމަދު މުނައްވަރާއި ޑރ. ހަސަން ސައީދުވެސް ވަނީ ފާޅުކުރައްވާފައެވެ.

އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސަތު، މިކަމުގައި އެންމެ ފުރަތަމަވެސް އޮތީ ގޯސްކޮށް ކަމަށެވެ.

”ސިޔާސަތު ބަދަލުވެގެން މިދިޔައީ އެއަށްވުރެ އަދި މާ ނުބައި މަގަކަށް. ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ނުވަތަ ރާއްޖެއަށް ލިބެން އޮތް ސަރަހައްދަކުން އެންމެ އަކަފޫޓެއްވެސް ދޫކޮށްލުމާ އަޅުގަނޑު ދެކޮޅު.“ އަލީ ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ވިދާޅުވެފައެވެ.

ބަންޑާރަ ނައިބު މިފަދައިން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ހޯދަން ކަމާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައި ވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވީ، މިދިޔަ އޯގަސްޓްމަހުގައެވެ.