އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެވެސް ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ކުރެއްވެވި ޕޯސްޓެއްގައެވެ.

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ ”އެޅިފައިވާ ހުރަސްތައް ގިރާކޮށް، އެއިޑްސްއަށް ދެވޭ އިޖާބަ ބަދަލުކުރުން“އެވެ.

ރައީސް ވަނީ، ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ޑަބްލިއުއެޗްއޯގެ ”ޓްރިޕަލް އެލިމިނޭޝަން“ (އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ މައިމީހާގެ ފަރާތުން ކުދިންނަށް އަރާގޮތް ނައްތާލުން) ހާސިލުކުރި ފުރަތަމަ ގައުމުކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖެއިން ވެފައިވާ ވައުދުގެ ހެއްކެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ ބޮޑު ކުރިއެރުމެއް ރާއްޖެއަށް ހާސިލުކުރެވުނީ ބޯޑަރުތައް ފަހަނައަޅާފައިވާ ބައިނަލްއަގްވާމީ ގުޅުންތަކާއި، އެއްބައިވަންތަކަން، އިލްމީ ތަޖުރިބާ ބަދަލުކުރުން އަދި އާ އީޖާދުތަކުގެ މައްޗަށް ބިނާވެގެން ކަމަށެވެ.

މިފަދަ އެއްބާރުލުންތަކުގެ ސަބަބުން ސިއްހީ ދާއިރާގައި ބޮޑެތި ކާމިޔާބީތައް ހާސިލުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

2030 ވަނަ އަހަރަށް އަމާޒުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.