ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް ”ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް“ ގައި އިސްކޮށް އުޅުއްވި ޑރ. ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހަށް ހާޒިރުކޮށްފިއެވެ.

ފުލުހުން ކުރިން ބުނީ ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން، ޓްރެވެލް ގައިސް އިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފެންމަތިވުމާއެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމި ކަމަށެވެ.

ޖިންސީ ގޯނާ ފަދަ އަމަލުތަކަކީ އެ އެޖެންސީން އަބަދު ވެސް ދެކޮޅު ހަދާ ކަންކަން ކަމަށާއި، މި ހިއްސާތައް އޮންނާނީ ކުންފުނީގެ ތެރޭގައި ކަމަށާއި، މިކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނެ ކަމަށް ޓްރެވެލް ގައިސް އިން ބުނެފައިވެއެވެ.

ޓްރެވެލް ގައިސް އިން ބުނެފައިވަނީ، ޓްރެވެލޫޝަން މީޑިއާގެ މާލީ އިދާރީ އަދި ސްޓްރެޓެޖިކް ހުރިހާ ކަމެއް ކުރަމުން އަންނަނީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އެހެންކަމުން އެ މީޑިއާ ހިންގުމުގައި ސަނީ ބައިވެރިވާ ކަމަށް ބުނެ ފަތުރާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.