ޔުނައިޓެޑް އަރަބބި އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ  ޑރ. މުހައްމަދު މުއިއްޒު ފޮނުވައިފިއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫއޭއީގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުހައްމަދު ބިން ޒަޔެދް އަލް ނަޙްޔާނަށާއި ޔޫއޭއީގެ ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޔޫއޭއީގެ ގައުމީ ދުވަސް ހަނދާންކޮށްދެނީ އެކުވެރިކަމާއި، އީޖާދީ ވިސްނުމާއި، ކުރިއެރުމުގެ ތެރެއިން ހޯދި ތަރައްގީ ކަމަށެވެ.

ރާއްޖެއާއި ޔޫއޭއީއަކީ އެކުވެރި ގާތް ދެގައުމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރާއްޖެއިން ޔޫއޭއީއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުގައެވެ.