ސްރީލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
މި ޓެލެތޯނުން ލިބިފައިވަނީ، ދިވެހި ފައިސާއިން ބަލާނަމަ، 12.3 މިލިއަން ރުފިޔާއެވެ.
އެ ފައިސާ ހަވާލުކޮށްފައިވަނީ މިއަދު ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 9:00 އިން އިއްޔެ މެންދުރުފަހު 2 ޖެހުމާ ހަމައަށް ކުރިޔަށް ގެންދިޔަ މި ޓެލެތޯނަށް ހޫނު ތަރުހީބެއް ލިބިފައިވެއެވެ.
އެ ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވަނީ ފުލުހުންނެވެ.
ފުލުހުން ވަނީ 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން އެއް މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
ދިވެހީންގެ ފަރާތުން ލަންކާއަށް ދިން ބޮޑު އެހީއަށްޓަކައި އެ ގައުމުގެ ރައްޔިތުން ދަނީ ދިވެހީންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަމުންނެވެ. އެގޮތުން، ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި، ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، ދިވެހީންނަކީ ވަރަށް ތަނަވަސް ހިތްތަކެއްގެ ވެރީން ކަމަށް ބުނެފައިވެއެވެ.

