ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 190 ވަނަ މާއްދާގެ (ށ) އާއި، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ގ.އާބިން، ޑރ. އާއިޝަތު ރަމީލާ އައްޔަނު ކުރައްވައިފިއެވެ.

މިއަދު، ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ރަމީލާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.

ރަމީލާ އަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން، ރަމީލާއާ ހަވާލު ކޮށްދެއްވާފައެވެ.