ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Asuru

ސަރުކާރުން މިހެން ބުނެފައިމިވަނީ ޗާގޯސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ތެރެއިން ބައުންޑަރީ ކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލުކުރި ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށާއި މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

”ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ.“ އޭޖީ އޮފީހުން ބުންޏެވެ.

ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން މައްސަލަ މަޢުޟޫޢީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ.

އެގޮތުން ބައިނަލްއަގްވާމީ އުސޫލުތަކަށް ބަލާއިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެން ކަމަށާއި އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުން ކަމަށް ބުނެފައިވެއެވެ.