ހުޅުމާލޭގެ މަގުތަަކެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާއެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން އެޗްޑީސިން ބުނީ އެ ކުންފުންޏާ އެކު އިއްޔެ ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތައް ހެދުމުގެ އިތުރުން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
އަދި މިއީ، ހުޅުމާލޭގެ އިންފްރާސްޓްރަކްޗާގެ ފެންވަރު ރަނގަޅުކުރަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ނަމަވެސް މި މަޝްރޫއާ ބެހޭ އިތުރު އެއްވެސް ތަފުސީލުތަކެއް އެޗްޑީސީން ހާމައެއް ނުކުރެއެވެ.

