މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން އައްޑޫ އިން ޑްރަގުގެ ބޮޑެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ހައްޔަރު ކުރި މީހާ އަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސް މީހެއް ކަމަށެވެ.

އޭނާ އަތުލައިގަނެވިފައި ވަނީ، އޭނާއަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފަށާފައި ވަނިކޮށެވެ.

މި ތަހުގީގު ފެށީ މި އަހަރުގެ މާޗު މަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު އެ ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޮޕަރޭޝަން އަދިވެސް ކުރިއަށްދާތީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށވެ.

”އަލިމަގު އޮޕަރޭޝަން“ ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަނުގެ ދަށުން، 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، 29 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.