ހުޅުމާލެ ފޭސް2ގެ ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު އަގަށް ގެނެސްފައިވާ ބަދަލުތައް އާއްމުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ، ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދިން ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު  ”މައި ހުޅުމާލެ ޕޯޓަލް“ އިން ފެންނާނެ ކަމަށެވެ.

އަދި މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދީފައިވާ ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްކަން އެޗްޑީސީން ބުނެއެވެ.

މިކަމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވައުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް މަސައްކަތް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެޗްޑީސީން ބުނީ، ”މައި ހުޅުމާލެ ޕޯޓަލް“ ލިންކުން، އެއްބަސްވުމުގެ އިސްލާހުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާލެވެނޭކަމަށެވެ.

މީގެ އިތުރުން، މި ލިންކު މެދުވެރިކޮށް، އަލަށް އައިސްފައިވާ އިސްލާހުތަކާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެކަމަށް ވެސް އެޗްޑީސީން ބުނެއެވެ.