ސަރުކާރާ ދެކޮޅު ”އެޑިޓޯރިއަލް ޕޮލިސީ“އެއްކަމަށް ފާޅުގައި އިއުލާނުކޮށް ނޫސްވެރިކަން ކުރުމަކީ ހަގީގީ ނޫސްވެރިކަމެއް ނޫން ކަމަށާއި، އެއީ ޕޮލިޓިކަލް އެކްޓިވިޒަމް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ މާފަންނުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޮފީހުގައި ބައެއް ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު، ތިމަންމެންގެ ”އެޑިޓޯރިއަލް ޕޮލިސީ“ އަކީ ސީދާ ސަރުކާރާ ދެކޮޅު ޕޮލިސީއެއްކަން، ބައެއް މީޑިއާތަކުގެ ވެރިން ހާމަކުރެއްވި ކަމަށާއި، އެއީ ޕްރޮފެޝަނަލްކޮށް ނޫސްވެރިން މަސައްކަތް ކުރާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވީ ނޫސްވެރިން ”އަންބަޔަސްޑް“ ވާން ޖެހޭނެ ކަމެވެ.
”ތިމަންނަ މެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ. ރަސްމީކޮށް މީޓިންގަ ވިދާޅުވީ، އެހެންވީމަ، އެ ހިސާބުން އެއޮތީ ކަނޑައެޅިފަ، ވަކި އަތަކަށް ޖެހިފަ.“ ރައީސް ވިދާޅުވިއެވެ.
ވަކި އަތަކަށް ޖެހިތިބެ ކުރަނީ ނޫސްވެރިކަމެއް ނޫން ކަމަށާއި، އެއީ ޕްރޮފެޝަނަލްކަމާއެކު، ދެ ފަރާތް ހަމަހަމައަށް ބަލައިގެން ކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ރޭ ވިދާޅުވިއެވެ.
އަދި ތެދު ބަހުން ވާހަކަ ދެއްކުމާއި، ކޮންމެ ކަމެއްގެ ދެ ފަރާތް ވެސް ގެނެސްދިނުމަކީ ނޫސްވެރިންގެ ޒިންމާއެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ އައު ގާނޫނެއް ވުޖޫދަށް ގެނެވިފައިވާއިރު، އެއްވެސް މީޑިއާއަކާ ދޭތެރޭގައި އައު މީޑިއާ ކޮމިޝަނުން ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވައިލައިފައިވާ ކަމަށެވެ.

