މި ސަރުކާރުން ފުލުހުންނާއި ސިފައިންނަށް އެއްވެސް މިންވަރަކަށް ނުފޫޒު ނުފޯރުވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ރޭ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ސިފައިންނާ ފުލުހުންނަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އެ ދެ މުއައްސަސާއިން ވެސް އެހިވާނެ ކަމަށެވެ.
ފުލުހުންނާ ސިފައިންގެ މުއައްސަސާ ”ސިޔާސީ“ ކޮށްފައިވަނީ ކުރީ ސަރުކާރުންކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”އެބޭފުޅުން ވިދާޅުވާނެ (ނުފޫޒެއް) ނުފޯރުވައޭ. އެ ދެ މުއައްސަސާ އޮތީ ވެސް، ހަމަ އިގްތިސާދު އޮތްހެން، އަނދަވަޅަކަށް ވައްޓާލާފަ އަޅުގަނޑުމެންނާ ހަވާލުވީއިރުގަ. އެހެންނަމަވެސް، އަޅުގަނޑުމެން އެކަން ރަނގަޅުކޮށް، ދެތަން ހިނގާނެ ގޮތް ހަދައިދިނިން. ކެޕޭސިޓީ ބިލްޑު ކޮށްދިނިން.“ ރައީސް ފާހަގަކުރެއްވިއެވެ.
ސިފައިންނާ ފުލުހުންނަކީ ދިވެހީންގެ ފަޚުރު ކަމަށާއި، އެ ދެ މުއައްސަސާއަށް އިންސާނީ ވަސީލަތާއި، އިންފްރާސްޓްރަކްޗަރ ގާއިމުކޮށް، ކުރިއެރުން ގެނައުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ރައީސް ރޭ ވިދާޅުވިއެވެ.
މީގެ އިތުރުން، ”ދިވެހި ވަތަނީ ހިދުމަތް“ ފަށައި، ދިފާއީ ރޮނގުން ގައުމަށް ހިދުމަތް ކުރަން ބޭނުންވާ އެތައް ޒުވާނުންނަށް ސަރުކާރުން ފުރުސަތުދީފައިވާކަން ފާހަގަކުރައްވައި، ފުރަތަމަ ބެޗު ތަމްރީނު ފުރިހަމަ ކުރަމުންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

