އަމާޒަކީ މި ހިނގާ ޑިސެމްބަރު މަސް ނިމޭއިރު، ހުޅުމާލެ ތިނެއް ހިއްކުމުގެ މަޝްރޫއު ނިންމައިލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނުގެ ރައްޔިތުންނާއެކު، ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، އެ އަވަށުގެ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޮޑު ދެ ޑްރެޖަރެއް ބޭނުންކޮށްގެން، ހުޅުމާލެ 3 ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އަމާޒަކީ މި މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައިލުން ކަމަށެވެ.

”ހުޅުމާލެ 3 ހިއްކާ ނިމުނީމަ، އެ ތަނުން ގޯތި ލިބިފަ ތިބި މީހުންނަށް ގޯތިތައް އަޅުގަނޑުމެން ހަމަ ހަވާލު ކުރާނަން.“ ރައީސް ވިދާޅުވިއެވެ.

 

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫއުގެ ތެރެއިން-

ހުޅުމާލެ 3 ހިއްކައި ނިމުމުން، އެ މަސައްކަތުގައި ބޭނުންކުރާ ބޮޑު ދެ ޑްރެޖަރު ބޭނުންކޮށްގެން، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ހަލުވި މިނުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި ޖެނުއަރީ ހިސާބުގައި ގިރާވަރުވަޅު ހިއްކަން ފެށި، ދެތިން މަސް ދުވަސް ތެރޭގައި އެ މަސައްކަތް މުޅިން ނިންމައިލެވޭވަރުވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތިތައް ހަވާލު ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ، ދެ ޑްރެޖަރު ގެނެސް ހުޅުމާލެ 3 ހިއްކުން އަވަސްކޮށްފައިވާއިރު، އެތަނުގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު އެއް މަޝްރޫއުއަކީ ރަސްމާލެ ސިޓީ ހިއްކުމުގެ މަޝްރޫއުއެވެ. އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ރަސްމާލެއިން، މާލެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް ”ޓޯޓަލް ސޮލިއުޝަން“ ލިބިގެންދާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެއެވެ.

 

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް، ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްލަވައިލައްވަނީ

 

މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ގެނެސްދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް ލިބޭނެ މަޝްރޫއެއްގެ ގޮތުގައި އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުއަކީ ރަސްމާލެ މަޝްރޫއުއެވެ.

ރައީސް ކުރިން ވިދާޅުވި ގޮތުގައި، ރަސްމާލެއިން، މުޅި ޖުމްލަ 25،000 ގޯތި ދޫކުރާނެއެވެ. އަދި ފުރަތަމަ ފިޔަވަހީގައި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.