ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ބާއްވާ މީޑިއާ މައުރަޒު ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ނޫރާއި ހިދާޔަތު ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

މި މައުރަޒުގެ މަގުސަދަކީ މިނިސްޓްރީން ކުރެވިފައިވާ ކަންކަން ރައްޔިތުންނާއި ހަމައަށް ގާތުން ފޯރުކޮށްދީ މިނިސްޓްރީގެ މައުލޫމާތު އާއްމުންނާއި މީޑިއާތަކާއި ހަމައަށް ގެނެސްދިނުންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މީޑިއާ މައުރަޒު ހުޅުވައިދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް  އަބްދުއްރަޙީމް އަބްދުﷲ ވަޑައިގެންދެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން، މިނިސްޓްރީގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތާއި، ކުރެވެމުންދާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެކެވެ.

މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ހުތުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

މީޑިއާ މައުރަޒު އިއްޔެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔައިރު، މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް މައުރަޒު ކުރިއަށްދާނެއެވެ.

މި މައުރަޒުގައި ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން ޝެއިހުންނާ ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.