މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަ ވެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަޔާންކުރުމެވެ.

އެގޮތުން ގެނެވުނު ބައެއް އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތައާރުފުކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމާއި، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާ ކުރުމުގެ އިތުރުން ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އެނޫންވެސް އިސްލާހުތައް ހިމެނެއެވެ.

މި ބިލަށް ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/75,000 (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން -/7,500,000 (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅައިފައެވެ.

އަދި ބިލުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެ ޝަރުތުތަކުގެ ތެރޭގައި އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350 (ތިންސަތޭކަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް، ނުވަތަ 250 (ދުއިސައްތަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން، ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްނަމަ، ނުވަތަ 100 (ސަތޭކަ) ގްރާމަށްވުރެ އިތުރު އަދަދެއްކަމުގައި ވުމާއެކު އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށްވުން ހިމެނެއެވެ.

މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

އަދި އެފަދަ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް ވެގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، މި ބިލުގައި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ޙާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން ވެސް ހިމެނެއެވެ.

އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، ”މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން“ ބަންދުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.