ރާއްޖޭގެ ރައީސްކަންކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަމުން އަދި ހަރަދު ކަނޑާލަައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ފަރާތްތަކަށް އެލަވަންސް ހަމަޖެއްސުމަށް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ގާނޫނުގެ އަށްވަނަ މައްދާގައި މިހާރު އޮންނަނީ، ރައީސްކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި، މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށެވެ.
ނަމަވެސް މިއަދު ތަސްދީގުކުރެއްވި ބިލުން ވަނީ ގާނޫނުގެ އެ މައްދާ އުނިކޮށްފައެވެ.
މީގެ އިތުރުން ރައީސްކަން ކޮށްފައިވާ ފަރާތަކަށް މި ގާނޫނުން ދޭ މާލީ އިނާޔަތް މެދުކަނޑައިލެވޭނެ އިތުރު ހާލަތެއް ވެސް ވަނީ މި ބިލުގައި ހިމަނައިފައެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން މާލީ އިނާޔަތް މެދުކެނޑޭނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތް ލިބެމުން ދަނިކޮށް، އެ މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ، އެ މަގާމުން އެމީހަކު ވަކިވަންދެނެވެ.
ނަމަވެސް ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވާ މުއްދަތުގެ އިތުރުން، ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ވެސް މާލީ އިނާޔަތް މެދުކެނޑޭނެ ކަމަށް މި ބިލުގައި ބުނެއެވެ.
ގާނޫނުގެ ފަސްވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ.
ނަމަވެސް އެ މީހަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހެއްނަމަ، ރާއްޖޭން ބޭރުގައި ދިރިއުޅޭ މުއްދަތުގައި އެ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމް ނޫން ކަމަށް ބިލުގައިވެއެވެ.

