ހަގީގީ މާނައިގައި ޖުޑިޝަރީ މިނިވަން ވެފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެން އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ ޖުޑިޝަރީ މިހާރު އޮތީ ހަގީގީ މާނައިގައި މިނިވަންކޮށްފައި ކަމަށެވެ.
އެމަނިކުފާނު ނުވަތަ ސަރުކާރުގެ ބޭފުޅަކު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާނެ އެންމެ ފަނޑިޔާރެއް ވެސް ނުހުންނަވާނެ ކަމަށާއި، މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ސިޔާސީ ހައްޔަރީއެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު މަސައްކަތް ކުރައްވަނީ ހަގީގީ މާނައިގައި ކޯޓުތައް މިނިވަންކަމާއެކު ހިންގޭނެ ގޮތް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މީގެކުރިން ޑްރަގު މައްސަލަތައް ފަދަ މައްސަލަތަކުގައި ބިރުން ހުކުމް ނުކޮށް ތިބޭ ތިބުން ނިމިގެންދާތަން ފެންނަ ކަމަށާއި އެއީ ޖުޑިޝަރީ މިނިވަންވުމުން ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރިއަށް އޮތް ތަނުގައި ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކަމާއެކު އޮޕަރޭޓްކުރާކަން ރައްޔިތުންނަށް ފެންނަންޖެހޭ ކަމަށާއި ޖުޑިޝަރީ ފުރިހަމަކަމާއެކު މިނިވަންވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

