ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް އެކެއްގެ މަސައްކަތްތައް ނިންމާ، އާއްމުކޮށް ހުޅުވާލައިފިއެވެ.

މިއީ މި މަޝްރޫއުގެ ޖުމްހޫރީ މައިދާން ކައިރިން ހެދި ބައެވެ.

މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން އެންމެ ޒަމާނީ ފެންވަރަށް އަލުން ހަދައި ހުޅުވީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާ ވެސް ކޮށްގެންނެވެ.

މި މަސައްކަތް ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ ދެ ފިޔަވައްސަކަށެވެ.

އޭގެތެރެއިން މިހާރު ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް އެކެއް ނިމިފައިވާއިރު، މީގައި ހިމެނެނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ހިމެނޭ ސަރަހައްދެވެ. އެއީ 130 މީޓަރުގެ ސަރަހައްދެކެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.