ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ”ސާކް ޗާޓަރ ޑޭ“ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށް ސާކް ސަމިޓް އަލުން ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ދެކުނު އޭޝިއާގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއެކު، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެއްބައިވަންތަކަމާއި، އެއްބާރުލުން އިތުރުކޮށް، މަޝްވަރާގެ އުސޫލުން ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، އާންމު ސިއްހަތާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި، އިގްތިސާދީ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި، ހިއްސާވާ ތަރައްގީ ކަށަވަރުކުރުންފަދަ ނާޒުކު މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، ސާކާއި ސާކުގެ ގުނަވަންތަކަކީ މިފަދަ ގޮންޖެހުންތަކަށް ހައްލުހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މެސެޖު ނިންމަވާލައްވަމުން، ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އަދި، މިފަދަ މަސައްކަތްތަކުން ސަރަހައްދުގެ އަމަން އަމާންކަމާއި، ތަރައްޤީއާއި، ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ސާކް ޗާޓަރ ޑޭ“ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.