އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ރަސްމީކޮށް ފަށައިފިއެވެ.

މި ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަހުޔާ އަލްޤަހްތާނީއެވެ.

މި ރަސްމިއްޔާތުގައި ހައްޖު އުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސައުދީ އަރަބިއްޔާއިން ވަޑައިގަންނަވާފައިވާ އަލްސަފްވާ ފައުންޑޭޝަންގެ ބޭފުޅުންވެސްވަނީ ބައިވެރިވެލައްވާފައެވެ.

ހައްޖު އުމްރާ ކޮންފަރެންސްއަކީ ރާއްޖޭގައި މި ހިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާއި ގުޅޭ މުހިންމު ކަންކަމާއި މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް ހިއްސާކުރުމަށް ވުޒާރާއިން ބާއްވާ ދެވަނަ ކޮންފަރެންސްއެވެ.

މިއަހަރުގެ ކޮންފަރެންސްއާއެކު އުމްރާ ކުންފުނިތަކުން ދޭ ހިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު ހަވީރު 17:00 އާއި ހަމައަށް އަދި މާދަމާ ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައެވެ.

މި އަހަރުގެ ހައްޖު އުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައިވެސް މުހިންމު މައުޟޫއުތަކަކަށް ޕެނަލް ޑިސްކަޝަންސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.