ރ. ދުވާފަރު ސިއްހީ މަރުކަޒުގެ އައު އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައި، އެ އިމާރާތުގެ އަމަލީ މަސައްކަތް ވެސް މިއަދު ރަސްމީކޮށް ވަނީ ފަށާފައެވެ.

ރައީސްގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ ދުވާފަރު ސިއްހީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، އެ އިމާރާތް ބައްލަވާލައްވާފައެވެ.

އައު އިމާރާތާއެކު ކުރިން ނުލިބޭ ގިނަ ހިދުމަތްތަކެއް ވަނީ ގާއިމު ކޮށްފައެވެ.

އެގޮތުން ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދޭނެ ޒަމާނީ އިމަރޖެންސީ ރޫމަކާއި، އެކްސްރޭގެ ހިދުމަތާއި، ދަތުގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް ވަނީ ގާއިމު ކޮށްފައެވެ.

އަދި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި ދުވާފަރު ހޮސްޕިޓަލް އިމާރާތުގެ އަމަލީ މަސައްކަތް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި އިމާރާތް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

މި މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން، ހޮސްޕިޓަލް އިމާރާތުގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި، އައިސީޔޫއާއި ނަރސް ސްޓޭޝަންއާއި، ޕްރޮސީޖަރ ރޫމެއްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއީލް އަބްދުﷲއެވެ.

އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ.