މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ހިޔާލާ މަޝްވަރާކަމަށާއި، މި މޭރުމުން ފާޅުކުރައްވާ އެއްވެސް ހިޔާލުފުޅަކާއި ދެއްވާ މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދަވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު މެންދުރު، މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިކަމުގެ ސިނާޢަތުގައި އެކި ގޮތްގޮތުން ޝާމިލުވެވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުންނާއި، މަސްވެރިންގެ ހައްގުގައި ވަކާލާތުކުރައްވާ ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ، ދާއިރާގެ ކަންކަމާ ބެހޭގޮތުން، އެކި ކަންކަމުގައި ހިޔާލާއި މަޝްވަރާދެއްވާފައެވެ.

އަދި އެކި ގޮތްގޮތުން ހުރި ކަންބޮޑުވުންތައްވެސް ރައީސް ހިއްސާކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ޝާމިލުވެވަޑައިގަންނަވާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ، އަދި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ޖަލީސުންނާ މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ހިއްސާކުރެއްވި އެއްވެސް ހިޔާލަކާއި މަޝްވަރާއަކީ ބޭކާރުވެގެންދާނެ ކަމެއް ނޫންކަމުގެ ޔަގީންކަންދެއްވާފައެވެ.

އަދި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އީޖާބީ ގޮތެއްގައި މަސައްކަތްކޮށްދެއްވާނެކަމަށާ، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތާ ގުޅިގެން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަމަކީ ވަގުތުތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ ތެރެއިން ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކެއް ކަމަށާ، އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު އެކަމަކަށް ފައްކާވުމާ ގުޅިފައި އޮތް މަސައްކަތްޕުޅުތަކެއްކަން ފާހަގަކުރެއްވިއެވެ.

އަދި، ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫޢުތަކާއި، ސީދާ ދިވެހި ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، މިރޭ ކުރިއަށްގެންދަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އުފާވެރި ހަބަރުތަކެއް ހިއްސާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

އަދި އެއީ އިހުލާސްތެރިކަމާއެކު އަދާކޮށްދެއްވާނެ ކަންތައްތަކެއްކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މަސްވެރިކަމުގެ ސިނާއަތް، ހަގީގީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައިވެސް ރައީސް ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ދުވާފަރުގައި ކުރިއަށްގެންދެވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، އެކިއެކި މުއައްސަސާތުގެ އިސްވެރިންނާއި، ސިނާއަތުގައި އެކި ގޮތްގޮތުން ޝާމިލުވެވަޑައިގަންނަވާ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.