އިނގެރޭސީން ޗާގޯސް އައިލެންޑް ދޫކޮށްލާނަމަ، އަނބުރާ ދޭން ޖެހޭނީ ދިވެހީންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޗާގޯސް، ނުވަތަ ފޯޅަވައްސަކީ ދިވެހީންގެ ހައްގެއް ކަމަށެވެ. އޭނާގެ ޓްވީޓުގައި ޗާގޯސްއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ދައްކަވާފައިވާ ވާހަކަފުޅެއްވެސް ހިއްސާ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފޯޅަވައްސާ ގުޅޭގޮތުން މޮރިޝަސްގެ ސަރުކާރުން ފޯޅަވައްސަކީ އެމީހުންގެ ތަނެއްގެ ގޮތުގައި ހެދުމަށް އެދިފައި އޮތް އެދުމާ ގުޅިގެން. 2011 ވަނަ އަހަރު މޮރިޝަސްއަށް ދަތުރެއް ކުރެއްވި ކަމަށާއި، އެ އަހަރު ނިމުނީ، ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ގުޅިގެން މި މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ މި ދަތުރާ ގުޅިގެން އެމަނިކުފާނަށް ލަގަބެއްވެސް އެރުވި ކަަމަށާއި، ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރާއެކު އެކި ފަހަރުމަތިން މުއާމަލާތް ކުރެވޭތޯ ބެލުމަށްފަހު، ބައުންޑްރީ ކަނޑައެޅުމަށްޓަކައި،

މޮރިޝަސް ސަރުކާރުން އެންމެ ފަހުން ދިޔައީ ކޯޓަށް ކަމަށެވެ.

”މޮރިޝަސްއިން ދެކޭގޮތުގައި، ފޯޅަވަހީގެ އެންމެ އުތުރު އަތޮޅު، އެއަތޮޅުގެ އެންމެ ތިލަ ތަނާ، އެތަނުން ފެށިގެން 200 މޭލު، މިން އެޅީމާ، ދިވެހިރާއްޖޭގެ މަސްކަނޑުގެތެރެއަށް އެތަން ވަދޭ. ދިވެހިރާއްޖެއިން މި މައްސަލަ، ފުންކޮށް ބަލަަމުން ގެންދާން ޖެހޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތްގޮތުގައި، އެޓާނީ ޖެނެރަލް ގެންދަވަނީ ބައިނަލްއަގްވާމީ ޝަރީއަތުގަ މި މައްސަލައާ ގުޅޭގޮތުން، ވަކާލާތު ކުރައްވަމުން. އެހެންނަމަވެސް މިއީ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަވާނެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ޗާގޯސް މައްސަލައާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ތެރެއިން ބައުންޑަރީ ކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނެތް ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ޖަރުމަނުގައި ހުންނަ އިޓްލޮސްގައި މިހާރު ކުރިއަށް ދަނީ ހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށާއި މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.