މަސްވެރިކަމުގެ ސިނާއަތަކީ ހަގީގީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ، ރ.ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މަސްވެރިކަމަކީ ދިވެހީންގެ ޝަހުސިއްޔަތާއި ގައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާއަތެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްގީ ކުރުމަށްޓަކައި، 6 ދާއިރާއަކުން ކަނޑައަޅުއްވާފައިވާ 6 ސިޔާސަތެއްގެ މައްޗަށް ބިނާކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވެފައެވެ.

މިގޮތަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މާދަމާއިން ފެށިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޯޕަރޭޝަން (މިފްކޯ) އިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަމަ މާދަމާއިން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރްއެސްޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރާ ޕްރޮސެސިންގ ކާރުހާނާތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރު ރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނެ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހުޅުމާލޭގައި ގާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނެ ކަމަށް އެމަނިކުފާނު އަންދާޒާ ކުރެއްވިއެވެ.