ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާޢީ ތަރައްގީއަށް ދެއްވައި، އެއްބާރުލެއްވުން ފާހަގަކުރައްވައި، ޗައިނާއިން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި، އެ ގައުމުގެ ރައީސް ހިޒް އެކްސެލެންސީ ޝީ ޖިންޕިން އަށް ޝުކުރު އަދާކުރައްވައިފައެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ޗައިނާއިން ދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރުވެސް ގުޅުން ގާއިމު ކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުންނެވެ.

އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ޤައުމުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވައި، ރައީސް ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެ ގައުމާއި އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުންކަންވެސް މިސްޓަރ ވޮންގް ޑޮންގްމިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ގައުމު ގުޅިގެން ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިސްޓަރ ވޮންގް ޑޮންގްމިން ވަނީ ދެއްވާފައެވެ.

މި ބައްދަލުވުން ނިންމާލައްވާފައިވަނީ، ޗައިނާއާއި ރާއްޖެއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބާރުލުންދެއްވައި، ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަންގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ އިސްވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.