ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށާ މި ގުޅުން ބިނާވެގެންވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރިކަމާ، އިތުބާރާއި، އަދި ދެ ގައުމުން ބައިވެރިވާ، ދުނިޔޭގެ ސުލްހަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ކަމަށް ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) އަށް ތަހުނިޔާއާއި، ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ.

އަދި ތިމާވެށި ހިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމަށް، ކިންގް ޗާލްސް (ތިންވަނަ) ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، އެކަންކަމަކީ، ދިވެހި ރާއްޖެއިންވެސް ވަރަށް އިސްކަންދެއްވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހިޒް މެޖަސްޓީގެ ޒައާމަތުގެ ދަށުން، އެއްބައިވަންތަކަމާ، ޒިންމާދާރުކަމާއެކު، ބައިނަލްއަގްވާމީ ފެންވަރުގައި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމުގައެވެ.

މި އަހަރަކީ، އިނގިރޭސިވިލާތާއި، ދިވެހި ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއާއި، ސަގާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުން ތަކުގެ ތެރެއިން އިތުރަށް ވަރުގަދަ ވެފައިވާކަމަށެވެ.

މީގެ ތެރޭގައި، ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅާއި، އެމަނިކުފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސްއާއެކު ބޭއްވެވި އެކަހެރި ބައްދަލުވުމާއި، އަދި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ނައިބު މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި، ހިޒް މެޖަސްޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ދެ ގައުމުންދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

1965 ވަނަ އަހަރުގެ ޖުލައިމަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު، ދިވެހި ރާއްޖެއާ ޙަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ނައިބު ރައީސް ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދެ ގައުމަށް ކުރިއެރުމާއި، އަމަން އަމާންކަމާއި، އަދި ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން، ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.