ޒިމްބާބްވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ރާއްޖެ ވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ ދަރުސް ކާނިވާ ސަރަހައްދުގައި ދެއްވުމަށް ނިންމަވާފައިވާއިރު، މި ދަރުސްގައި ޑިޕްރެޝަނާ ގުޅޭގޮތުން ތަގުރީރު ކުރައްވާނެއެވެ.

މުފްތީ މެންކު ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑރ. މެންކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން އެންމެ ފުރަތަމަ މިމަހުގެ 28 ވަނަ ދުވަހު މާލެ ސިޓީގެ އަލިމަސް ކާނިވަލުގައި ދެއްވާ ދަރުސްގެ މައުޟޫއުއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.

28 ވަނަ ދުވަހު އަލިމަސް ކާނިވަލުގައި ބާއްވާ ދަރުހަށްފަހު، 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދަރުސް ދެއްވަން ހަމަޖެހިފައިވަނީ އިސްލާމް ކަމާއި އޯގާތެރިކަމަށެވެ. 30 ވަނަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔަރގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޕްރޮޑަކްޓިވް މުސްލިމް މައުޟޫއުއަށެވެ.

އެންމެފަހު ދަރުސް ދެއްވާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އެއީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

އެދަރުސް ދެއްވާނެ މައުޟޫއުއަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ. ކޮންމެ ދަރުސެއްވެސް ފެށޭނީ ދަރުސް ބޭއްވުމަށް އޮންނަ ދުވަހުގެ ރޭގަނޑު 8:45ގައެވެ. އަދި ދެއްވާ ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ހުޅުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.