އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުންނަށް މި ސަރުކާރުގެ ތިން ކޮޓަރީގެ ފުލެޓު ސްކީމަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކޮށްފިއެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީގެ ސްކޫލް ހޯލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގައި އެއް ކޮޓަރީގެ ފްލެޓު ލިބިފައިވާ ފަރާތްތަކަށް މި ސަރުކާރުގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ހަދައިދިނުމަށް ވަރަށް ގިނަ ރައްޔިތުން އެދުނު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މިހާރު  ހުޅުވާލާ ސްކީމުގައި އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅޭނެ ގޮތަށް އުސޫލު ބަދަލުކުރެވިފައިވާ ކަމަށެވެ.

އަދި ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުން އެ އޮންނަ އުސޫލުން އެތަން އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލާފައި މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް އެދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެގޮތަށް އެ ބަދަލުތައް ގެންނަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށެވެ.