ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދިޔަ 37 ވިޔަފާރިއެއް ބަންދުކޮށްފިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓު ކުރުމަށް މިދިޔަ މަހުގެ 27 ގައި ވަނީ ހުޅުވާލައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް އެފަދަ 252 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
މިގޮތުން 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވާއިރު، 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން އިއްޔެ ބުންޏެވެ.
އަދި އިކޮނޮމިކް މިނިސްޓްރީގެ ގާނޫނުތަކާއި ހިލާފުވެގެން 25 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، އެހެން ގާނޫނުތަކާއި ހިލާފުވެގެން 12 ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ.
ގަވާއިދާއި ހިލާފަށް ހިންގި ވިޔަފާރިތަކުގެ ތެރެއިން ގަވާއިދާއި އެއްގޮތަށް ކަންކަން އިސްލާހު ކުރުމުން 8 ވިޔަފާރިއެއް އަލުން ހުޅުވުމަށް ހުއްދަ ދީފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

