ސާނަވީ، އަދި މަތީ ސާނަވީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް، މިސްކިތްތަކުގައި އިސްލާމް މާއްދާ އުނގަންނައިދޭން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިސްލާމް މާއްދާގެ ގްރޭޑް 8، 9، 10، 11 އަދި 12ގެ ފޮތްތައް ހަފްތާއަކު ދެ ދުވަހު، ދެ ނަމާދު ދޭތެރޭގައި، މޮޅު އިލްމީ ޓީޗަރުން މެދުވެރިކޮށް ހިލޭ ޓިއުޝަން ދެވޭނެ އިންތިޒާމް ހަމަޖައްސައިފިނަމަ، ކިހިނެއް ވާނެތޯ ސުވާލު ކުރައްވައިފައެވެ.
މިނިސްޓަރު ވަނީ، މިއީ ކޮންމެ ދަރިވަރަކަށް ވެސް ހާޒިރު ވެވޭނެ ކްލާސްތަކެއްކަން ފާހަގަކުރައްވައިފައެވެ.
މިއީ، އިސްލާމް މާއްދާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ބައްލަވައި ކުރާ ކަމެއް ކަމަށް ވިދާޅުވެ، ޑރ.ޝަހީމް ވަނީ މިކަމަށް އާއްމުންގެ ހިޔާލަށް ވެސް އެދިލައްވައިފައެވެ.
މިކަމާ ގުޅޭގޮތުން މި ނޫހުން ސުވާލު ކުރުމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގައި، މިސްކިތްތަކުގައި އިސްލާމް މާއްދާގެ ހިލޭ ޓިއުޝަން ފެށިގެންދާނެ ކަމަށާއި، ކްލާސްތައް ނަގައިދޭ މުދައްރިސުންނަށް މުސާރަ ދޭނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
ސަރުކާރުން މިފަދަ ކަމެއް ނިންމެވިއިރު، އިސްލާމް މާއްދާ އުނދަގޫ ކަމުގެ ޝަކުވާ ބައެއް ދަރިވަރުން ކުރެއެވެ.

