އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑު 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ވެއްދުން މަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހުޅުމާލޭގެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގްރޭޑު ދިހައަކުން ފެށިގެން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަމަށް އަމަލުކުރެވި، އެ މައްސަލަ ބޮޑުވަމުން ގޮސްފައިވާ ކަމަށެވެ.

ދިރާސީ އަހަރު ފެށިގެން ދާއިރު، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނެއް ނުގެންދެވޭނެ ކަމަށާއި މިއީ ވަރަށް ހަރުކަށިކޮށް ބަލާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގްރޭޑް 11 އާއި 12 ގެ ކުދިންނަށް ފޯނު ގެންދެވޭނެ ކަމަށާއި އެހެންނަމަވެސް ކިޔަވަމުންދާ ވަގުތުތަކުގައި އެ ދަރިވަރުން ފޯނުތައް ބަހައްޓަން ޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާ ލޮކަރުތަކެއްގައި ކަމަށެވެ.

އަދި ލޮކަރުން ފޯނުތައް ނެގޭނީ ކުލާސް ވަގުތުތައް ނިމުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ އެ ކުދިން އުމުރާ ގުޅޭގޮތުން ބަލާއިރުގައި އެގޮތަށް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރަނީ. އެހެންނަމަވެސް ކިޔަވައިދޭ ގަޑީގައި ފޯނު އަތުގައި އޮތުން ގަބޫލެއް ނުކުރެވޭ،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގްރޭޑް 11 އާއި 12 ގެ ދަރިވަރުންގެ ފޯނުތަކާ ގުޅޭގޮތުން ވެސް އެ ބަދަލުތައް ގެންނަން ފަށާނީ ދިރާސީ އާ އަހަރު ފެށުމުން ކަމަށެވެ.