ގޮތްނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ، އެންމެ ބިނާކުރަނިވި، ދެމެހެއްޓެނިވި އަދި މާނަހުރިގޮތުގައި މި ގައުމު ތަރައްގީ ކުރަންޏާ އެކަން ކުރަންޖެހޭނެގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ގައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނޭޝަނަލް ޔޫތު ކޮންފަރެންސްގެ 6 ގްރޫޕަކުން، 6 ދާއިރާއެއްގެ މައްޗަށް ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާތައް ކުރިއަށްދިޔައެވެ.

މި ޕްރެޒެންޓޭޝަންތަކަށްފަހު ރައީސް ވަނީ ކޮންމެ ޕްރެޒެންޓޭޝަނެއްގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކުރައްވައި އެ ކަންކަމާގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހިއްސާކުރައްވާފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމުކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރެއްވިއެވެ.

އަދި އެކަމަށް ހައްލު ގެނައުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމަނުއްވައި، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރެއްވިއެވެ.

އަދި ދިމާވި އެކިއެކި ގޮންޖެހުންތަކާއެކުގައިވެސް އެ ބޯޑުން ހުއްޓުމެއްބެތި މަސައްކަތްކުރަމުން ގެންދިޔަކަމަށާ، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި އެ ބޯޑުގެ މަސައްކަތް އިތުރަށް ރަނގަޅުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޒުވާނުންގެ ފަރާތުން މިރޭ ފާޅުކުރި ބައެއް ކަންކަމަށް ނިސްބަތްކުރައްވައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މަދުކަން ފާހަގަކުރައްވައި، އެކަންކަން ރަނގަޅުކުރެއްވުމަށް ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

ސްކޫލް ސިސްޓަމްގެ ތެރެއިން ގެނެވޭނެ އެކިއެކި ހައްލުތަކާއި ސްކޫލް ނިންމުމަށްފަހު ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އޭ-ލެވެލް ޕާތުވޭގެ ތެރެއަށްވެސް ވޮކޭޝަނަލް ޕާތުވޭއެއް މިހާރު ގާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.