ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އިގުތިސާދު ތަރައްގީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ރާއްޖޭގެ ތަރައްގީގައި އަދި ޒުވާނުންގެ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

އަދި އިގުތިސާދު ތަރައްގީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ މަގުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަ ތިން ދާއިރާކަމަށްވާ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ކޮންސްޓްރަކްޝަންގެ އިތުރުން ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ހާމަކުރެއްވިއެވެ.

އަދި މި ދާއިރާގެ ތަރައްޤީއަށް ވަރަށް މުހިންމު ލަނޑުދަނޑިއެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށާއި އެގޮތުން ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީޑީޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ފުޅާކުރުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފުރުސަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގައި ވަރަށް ކްރިއޭޓިވް ކުދިން އެބަތިބި ކަމަށާއި ޑިޖިޓަލް ދާއިރާގައި ކުރިއަރައިދާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިކޮށްދެއްވަން ބޭނުންފުޅުވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މި ދާއިރާއިން 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްގެންދަން ވަރަށް ގިނަ ކަންތައްތައް ރޭވިފައިވާކަމުގައި ވިދާޅުވިއެވެ.

އަދި ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ މުހިންމު މައުޟޫއުއަކަށް ވެގެންދާނެކަމަކީ މޯލްޑިވްސް 2.0 ގެ ނަމުގައި ސަރުކާރުން ފެށި ގައުމީ ޕްރޮގްރާމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މި ޕްރޮގްރާމުގައި އިސްނަގައިގެން ޒުވާނުންގެ ބައިވެރިވުން ދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، މޯލްޑިވްސް 2.0 އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަގުނަ އުއްމީދީ ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދައުރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށިގެން އަންނައިރު މޯލްޑިވްސް 2.0 އާއިގުޅޭ ބިލްތައް ހުށައަޅުއްވައިގެން ގާނޫނީ ބާރުވެރިކަން ދެއްވާނެކަން ފާހަގަކުރެއްވިއެވެ.

އަދި ހުރިހާ އެޖެންސީތަކެއްގެ ތެރޭގައި ހުރި ހުރިހާ މައުލޫމާތެއް ގުޅޭ އެއް ވިއުގައެއް އުފެދިގެންދާނެކަމަށާއި އެގޮތުން މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ވިއުގައިގެ ތެރެއިން މައުލޫމާތު ނަގައިގެން ހިދުމަތް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި 2027 ވަނަ އަހަރުގެ ނިޔަލަށްދާއިރު ކޮންމެ ދިވެއްސެއްގެ އަތުގައި އޮންނަ ފިޒިކަލް އައިޑީ ކާޑަކީ ޑިޖިޓަލް އައިޑީ ކާޑަކަށް ވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ނެޝަނަލް އައިޑީ ކާޑު ބަދަލުވެގެންދާނީ ހުރިހާ ހިދުމަތްތަކަށް ވާސިލުވެވޭ، ނެޝަނަލް ޑިޖިޓަލް އައިޑީ ކާޑަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މޯލްޑިވްސް 2.0 އާއެކު އިރާދަކުރެއްވިއްޔާ ދާއިމީގޮތެއްގައި ރާއްޖޭގެ ލޭންޑްސްކޭޕް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ހިންގުމުގެ ނިޒާމާއި ސާރވިސް އިންޑަސްޓްރީ، އެއްކޮށް ހައްލުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

އަދި މިކަން ހާސިލްކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ އެންމެން މި ނިޒާމަށް އަހުލުވެރި ކުރުމަށްޓަކައި، ޒުވާނުންގެ ވަރަށް ބޮޑު ބައިވެރިވުމެއް ބޭނުންވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.