މާލެ-ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެން ރޭސިންޓްރެކެއް ތަރައްގީކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ”ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް“ގެ ނަމުގައި ރޭ ޒުވާނުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ރޭސިން ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.
އޭގެ ތެރެއިން މާލޭގައި އަޅާ ރޭސިން ޓްރެކް އަޅާނީ މާލެ-ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެ ތަން ކަނޑައަޅައި، އެ މަޝްރޫއު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްއޭސީއެލްއިން އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.

