ޗާގޯސް ނުވަތަ ފޯޅަވައްސަކީ އަޅުގަނޑުމެންގެ ތަނެއް ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، މި މައުޟޫއުއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ވެރިކަމުގައި ހުންނެވިއިރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އިނގިރޭސި ސަރުކާރާ ބައްދަލުކޮށް ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ދިވެހިންނަށް ފާހަގަވާ ކަމަށެވެ.
އަދޮ ސަގާފަތާއި ތާރީހީ ހެކި އެކަމުގައި ވާކަން ފާހަގަކުރި ކަމަށާއި، ޒަމާނުއްސުރެއް އިންޑިއާކަނޑުގެ މަސްލަހަތު އިނގިރޭސިން ތަންފީޒުކުރަމުން ގެންދިޔައީ ރާއްޖެ މެދުވެރިކޮށްކަންވެސް އެ ބައްދަލުވުމުގައި ފާހަގަ ކުރި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް 2010 ވަނަ އަހަރު އިނގިރޭސި ސަރުކާރުން އެ ސަރަހައްދަކީ ޕްރޮޓެކްޓެޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅި ކަމަށާއި، އެހެންނަމަވެސް އެ ތަނުގެ ބައުންޑްރީ ބަހާފައި ނުވާކަމަށެވެ. މީގެއިތުރުން 2011 ވަނަ އަހަރު ރާއްޖެއިން މޮރިޝަސް ސަރުކާރާ އެކު ކުރި މަޝްވަރާގައި ނިންމާފައިވަނީ ދެ ގައުމުން އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކޮށްގެން ގޮތެއް ހޯދުމަށްކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާސީ ބާރުވެރިކަން އޮތްކަމަށް ބުނާބުނުމަށް ދިވެހިރާއްޖެއިން އޭރުވެސް އެއްބަސް ނުވާ ކަމަށެވެ.
”އަޅުގަނޑުގެ މައިގަނޑު ވާހަކައަކީ، އަޅުގަނޑުމެންގެ ތަނެކޭ ފޯޅަވެއްސަކީ. ފޯޅަވެއްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި ކަމަށްބުނެ ގިނަބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށެވެ.