ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް “ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެފައިވާއިރު، ސަފާރީގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގިކަމުގެ މައުލޫމާތު މިއަދު 17:54 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
”މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެނެސްފައި.“ ފުލުހުން ބުންޏެވެ.
ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ.
ފުލުހުން ބުނީ، ސަފާރީން ސަލާމަތްކުރި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެނުން ކަމަށެވެ. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެކެވެ.
ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ.

