ޖަމުއިއްޔަތުއްސަލަފާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މާދަމާރޭ ހުޅުމާލޭގައި އާންމުންނަށް ހާއްސަ ދަރުހެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ މި ދަރުސްގައި ’ފޭރާން‘ މި މައުޟޫއުއަށް ދަރުސް ދެއްވާނީ ޖަމުއިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހު އަހުމަދު ސަމީރުއެވެ.
މި ހާއްސަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ، 08:30 ގައި، ހުޅުމާލޭގެ ރުއްގަނޑު 3 ސަރަހައްދުގައެވެ.
ދަރުހުގެ މައިގަނޑު ބޭނުމަކީ އިސްލާމީ އަގީދާއާއި ޝަރީއަތާ ގުޅުންހުރި ކަންކަމުގައި އާންމުން ހޭލުންތެރިކުރުވައި، ދީނީ ހިދުމަތްތައް ފުޅާކުރުމެވެ.
އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމުއިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް ވަރަށްބޮޑު އެދުމެކެވެ.
މީގެ އިތުރުން، މި ދަރުސް ’ދާރިސް ޓީވީ‘ އިން ވަގުތުން ލައިވްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރު ނިމުމާ ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ.
އެފަދަ ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އަންނަނީ އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުންނެވެ.
މި ދަރުހަކީވެސް އެ ދެފަރާތުގެ ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ހަރަކާތެކެވެ.

