އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “ ރިވެލި” ގެ ދަށުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ބަނގުރާ ކައްކައި، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާ ދެ ރައްޔިތުންކަމަށްވާ މޮހަންދާސް ރަޖެންދިރަން (22އ) އާއި ބަލަސުބްރަމަނިޔަން ސެލަމް (41އ)އެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށްގެންނެވެ.

މި ގެ ބަލައިފާސްކުރިއިރު އެގޭގެ 3 ފަންގިފިލާ އިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވެއެވެ.

މި ގެއަކީ އެމީހުން ކުއްޔަށް ނަގައިގެން އުޅެމުންދާ ގެއެއްކަން ފާހަގަކުރެވިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކުރެވިފައެވެ. މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.