ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ހަދިޔާކޮށްފިއެވެ.

އެ ތަކެތި ފުލުހުންނާ ހަވާލުކުރީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެންނެވެ.

އެ ތަކެތި ހަވާލުކުރުމަށް އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަނާއި، އެންޑީއެމްއޭ އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަަނަރު ނަވީން ވަނީ 2004 ޑިސެމްބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އައުކުރައްވައި އެ ދުވަހު ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ.

އަދި ކާރިސާތަކާއި ހާދިސާތަކުގައި ފުލުހުން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުން އެންޑީއެމްއޭ އާއި ޔޫއެންޑީޕީގެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި އެންޑީއެމްއޭ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ފުލުހުންނަށް އެ ތަކެތި ހޯދައިދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

އަދި ފުލުހުންނަކީ ރަށްރަށުގައި ގާއިމުވެ ތިބެ، މުޖުތަމައުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު، ހަވާލުކުރެވުނު އާލާތްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.