ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ 20 ގައި ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ވިދާޅުވީ، ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖެނުއަރީ 2026 އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

”ދެން ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މި ޖެނުއަރީ މަހު ފެށިގެން ކުރިއަށް ގެންދާނަން.“ އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކަނޑައެޅޭ މިންވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.