ކުރިޔަށް އޮތް ދެ އަހަރަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރު ގޮތުގައި ކަނޑައަޅުއްވައި، 2026 ޖެނުއަރީ އެކަކުން ފެށިގެން އެކަންކަން ތަންފީޒު ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިކަން ހިއްސާ ކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރެއްވުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި އިޢުލާނު ކުރެއްވި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ތަންފީޒު ކުރައްވާނެ ކަންކަމުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިއުލާނު ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ވިޔަފާރިވެރިން ހުށަހެޅުއްވި ހިޔާލުތަކަށް ރިޢާޔަތްކުރައްވައި، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން އިއުލާނު ކުރައްވައި، މުދާ ކްލިއަރ ކުރުމުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވުމަށް ނިންމަވާފައެވެ.
މި ނިންމެވުމާއި އެއްގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ 25 ޑިސެންބަރު 2025 އިން ފެށިގެން މުދާ ކްލިއަރ ކުރުމުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.

