ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ރޭ އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަންނަ މަހުގެ މެދުތެރޭގައި ހުޅުވާލާ މި ފުރުސަތު އޭޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މިއީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުވާލާ ފުރުސަތެކެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ގޯއްޗާއި ފްލެޓް ދިނުމުގެ އުސޫލަށް  ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ މުއްތަލިބް ވިދާޅުވި ގޮތުގައި، އާ އުސޫލަށް ގެނައި މައިގަނޑު ތިން ބަދަލަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ.

އޭގެ ތެރޭގައި ރަށްވެހިކަން ބަލާ މުއްދަތު ކުރުކުރުމާއި، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

 

މީގެ އިތުރުން، ކުރިން ސަރުކާރުގެ ސްކީމެއްގެ ދަށުން އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ފްލެޓެއް ލިބިފައިވާ ފަރާތްތަކަށް ވެސް، އެ ތަން ދޫކޮށްލުމަށްފަހު ތިން ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުސަތު މިފަހަރު ވަނީ ހުޅުވާލާފައެވެ.

ނަމަވެސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޕޮއިންޓް ދިނުމުގައި އެންމެ އިސްކަމެއް ދޭނީ މިވަގުތު އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށެވެ.

ކުރިން ފްލެޓް ލިބިފައިވާ މީހުންނަށް އާ ސްކީމުން ފްލެޓް ދޫކުރާނީ މިހާރު ހުރި ތަން ދޫކޮށްލަން އެއްބަސްވުމުންނެވެ.

މި ބަދަލުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އާންމުން ހުށަހެޅި ޝަކުވާތަކަށް ރިއާޔަތްކުރައްވައި ގެންނެވި ބަދަލުތަކެކެވެ.