ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު، ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ފައްތާހު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލުކޮށްފައިވާ ފަންނުވެރިއެއް ކަމުގައިވާ ފައްތާހު ނިޔާވުމުގެ ހިތާމައިގައި، އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
”މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވާށި. އާމީން،“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ފައްތާހު ނިޔާވިއިރު، އޭނާ ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ހއ.ކެލާ ކައުންސިލުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ނިންމަވައިފައެވެ.

