‏ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ފެށި އޮޕަރޭޝަނުގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކޮށްފިއެވެ.

މިކަން ހާމަކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުން ކަމީ ހިތާމަޔާއެކު ބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވި، މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށެވެ.

އަދި އެންމެންގެ ހިޔާލު ވެސް އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށެވެ.

ރައީސް ވަނީ ކީރިތި ޤުރުއާނުގެ އާޔަތެއް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ހިއްސާ ކުރައްވައިފައެވެ.

”إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ (އައްރައުދު: 11)

އަޅުގަނޑުމެންނަކީ ފާހިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވަމާތޯ!“ ރައީސްގެ ޕޯސްޓުގައިވެއެވެ.