ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިއްޔެ ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ގާއިމުކުރާ ”ސަސްޓެއިނަބަލް ޓައުންޝިޕް“ ތަކުގައި އިންވެސްޓް ކުރުމުގެ އެންމެ ކުޑަ އަދަދު، 10 ނޮވެންބަރު 2025 ގައި އަމަލުކުރަން ފެށި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުންނާއި، 12 ޖަނަވަރީ 2025 ގައި ޝާއިއުކޮށްފައިވާ ރައީސްގެ ގަރާރުން ވަނީ ކަނޑައަޅުއްވާފައެވެ.
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑެއް ތަރައްގީ ކުރުމަށް ޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.
އެސްއީޒެޑެއްގެގޮތުގައި ”ޕްރޮޖެކްޓް އައިލާ“ ރައީސް މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ؛
1. ލަގްޒަރީ ވިލާ އަދި ހައި-އެންޑް ހޯމްސް ހިމެނޭހެން ތަރައްގީ ކުރެވޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް
2. ބައިނަލްއަގުވާމީ ފެންވަރުގެ ޞިއްޙީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުން.
3. ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުން.
4. އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ގާއިމުކުރުން.
5. ޒޯނުގައި ކުނި މެނޭޖްކުރުމަށް ޤާއިމުކުރެވޭ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 (ފަސްދޮޅަސް އިންސައްތަ) އަކީ އިއާދަކުރަނިވި ހަކަތައަށްވުން.
6. ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަކަލްޗަރުގެ ވަސީލަތްތައް ގާއިމުކުރުން.
7. ޒޯންގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުން.
8. ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން.
މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ގަރާރުގައި ހިމަނައި، ޒޯނުގައި ހިންގާ ވިޔަފާރިތަކުގެ ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލު ބަޔާންކުރުމުގެ އިތުރުން، އެސްއީޒެޑެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިއު ކޮށްފައެވެ.

