މާތްﷲގެ ވާގިފުޅާއެކު، މި އަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ވާނެ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ދިވެހީންނަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުކުރެވޭތޯ މަސައްކަތްކުރާ، އަދި ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން، ތާރީހުން ސާބިތުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ވަފާތެރި، ގާބިލު ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަކީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނެ އެންމެ ހައިބަތުހުރި އެއް ތާރީހުގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި ކޮންމެ އައު އަހަރަކީވެސް، ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުން ތިމާއަށް، ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އަޒުމު އައުކުރުމުގެ ވަގުތުކަންވެސް އެމަނިކުފާނުގެ ހިތާބުގައި ވަނީ ހަނދުމަފުޅުކޮށްދެއްވާފައެވެ.