ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ފުވައްމުލަކު ސިޓީ އުތުރުން 4 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށެވެ.

އެމްއެންޑީއެފްއިން ބުނީ ”ހަވާސާ“ ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު މިއަދު 12:23 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން އެ ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އަދި، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 14:10 ހާއިރުކަމަށާއި، މި ބޯޓަށް އެހީތެރިވުމުގައި މޯލްޑިވްސް ސަރވިސްއިންވެސް ވަނީ ހަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.