ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 49 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް، އެ މަސައްކަތްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން އިއްޔެ ބުނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 49 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 77.78 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ގައި ވަނީ އަލުން ފަށައިފައެވެ. އެ މަސައްކަތް މީގެ ކުރިން މެދުކެނޑިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮންޕެނީ (ސީއެމްސީސީ)އިން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ ނޮވެމްބަރު މަހުގެ 28 އިން ފެށިގެން އެ މަސައްކަތް ކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

