މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގުމަށް ހަމަޖެފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

ކޮމިޝަނަރގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.

މި ބައްދަލުވުމުގައި، އިންތިހާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެއްވިއެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަަކަށް އައްޔަނުކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ.

ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އައްޔަނުކުރައްވާފައިވާއިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނުކުރައްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފްއެވެ.

އަދި ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލްމަތީން އަބްދުލްކަރީމްއެވެ.

ރާއްޖޭގައި ބާއްވާ އެކިއެކި އިންތިހާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި އިންތިހާބަށް އަމާން ރައްކާތެރި މަހާއުލެއް ގާއިމްކުރުމަށްޓަކައި އޮޕަރޭޝަން ކޮމާންޑަރުން އައްޔަންކޮށް، ކޮންމެ އިންތިހާބަކަށްވެސް ދުރާލައި ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.